
ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތުގެ އެއްވަނަ އަލްޔަސް އަނަސް ޙުސައިން ހޯދައިފި
ހދ. ވައިކަރަދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބޭއްވި "ވައިކަރަދޫ ކައުންސިލުގެ ޤުރުއާން މުބާރާތް 2026" ގެ ފަޚުރުވެރި އެއްވަނަ އަލްޔަސް އަނަސް ޙުސައިން ހޯދައިފިއެވެ. އަލްޔަސް އަކީ މިދިޔަ އަހަރު ބޭއްވި ކައުންސިލްގެ ޤުރުއާން މުބާރާތުގެ ވެސް އެއްވަނަ ހޯދި ދަރިވަރެވެ.
މިއަހަރުގެ މުބާރާތުން ދެވަނަ ދެ ބައިވެރިއަކަށް ލިބިފައިވާއިރު، އެއްވަރަކަށް ޕޮއިންޓް ހޯދައިގެން ދެވަނަ ހާސިލުކުރީ ޢަމްރު ބިން އިބްރާހީމް އަދި ޢަބްދުލްމާލިކް ޢަބްދުލްމުޙްސިން އެވެ. މީގެ އިތުރުން މުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ސާރާ މުޙައްމަދު ސާދާތު އެވެ.
މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް ހޮނިހިރު ދުވަހުގެ ރޭ ސުލައިމާނިއްޔާ ހޯލުގައި ބޭއްވި ޚާއްޞަ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، މުބާރާތުގެ ވަނަތަކަށް އިނާމު ޙަވާލުކޮށްދެއްވީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ޢަރީޖެވެ.
ޝަރަފްވެރި މެހްމާނުގެ ވާހަކަފުޅުގައި، ޤުރުއާން އުނގެނުމާއި އުނގަންނައިދިނުމާ ވައިކަރަދޫއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މާޒީގައި މި ދާއިރާއިން އަތޮޅު އަދި ޤައުމީ ފެންވަރުގައި ރަށަށް ހޯދައިދީފައިވާ ރަންވަނަތަކުގެ ހަނދާންތައް އައުކުރެއްވިއެވެ. އަދި އައު ހިތްވަރަކާއެކު އަލުން އެ މަޤާމުތައް ހޯދުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން އެއްވަނަ ޢަމްރު ބިން އިބްރާހީމް ހޯދިއިރު، މި ގޮފިން ދެވަނަ އެއްވެސް ބައިވެރިއަކަށް ލިބިފައެއް ނުވެއެވެ. އަދި ތިންވަނަ ހޯދީ ޔޫސުފް ބިން އާދަމް އެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ އަލްޔަސް އަނަސް ޙުސައިން ހޯދިއިރު، ދެވަނަ ހޯދީ ޢަބްދުލްމާލިކް ޢަބްދުލްމުޙްސިން އެވެ. އަދި މި ގޮފިން ތިންވަނަ ހާސިލުކުރީ ސާރާ މުޙައްމަދު ސާދާތު އެވެ.
މުބާރާތުގެ ގޮފިތަކުން ވަނަތައް ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ ވައިކަރަދޫ ކައުންސިލުގެ ރައީސް އިބްރާހީމް މުޙައްމަދެވެ. ޖަލްސާގައި ވާހަކަދައްކަވަމުން ކައުންސިލްގެ ރައީސް ވަނީ، މުބާރާތުގެ ފެންވަރު އަހަރުން އަހަރަށް މަތިކޮށް، މެދުނުކެނޑި މި މުބާރާތް ކުރިޔަށްގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އެކި އެކި ޢުމުރުފުރާތަކުން ވަނަތައް ޙާޞިލުކުރި ބައިވެރިންނަށް އިނާމު ޙަވާލުކޮށްދެއްވީ ކައުންސިލުގެ ނައިބު ރައީސް މުޙައްމަދު ޢާފިރާއި، ކައުންސިލް މެންބަރު ފާޠިމަތު ޝިޒްނާގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ޢާއިޝަތު ޙަނީފާއެވެ.
ތަޖުރިބާކާރު ފަނޑިޔާރުންނާއެކު ކުރިޔަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 44 ދަރިވަރުން ބައިވެރިވެފައިވެއެވެ. މުބާރާތް އިންތިޒާމުކުރުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބިފައިވާއިރު، ވައިކަރަދޫގެ ވިޔަފާރިވެރިންނާއި އަމިއްލަ ފަރުދުންގެ އިތުރުން ގިނަ ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީތެރިކަން ލިބިފައިވާކަން ކައުންސިލުން ޝުކުރުވެރިކަމާއެކު ފާހަގަކުރެއެވެ.
ފޮޓޯ ގެލެރީ








